ދުނިޔެ

ޔުކްރޭނާއެކު ސުލްހަވެވިދާނެ: ރަޝިއާ

ރަޝިއާއަށް ނުރައްކާ ވެދާނެ ހުރިހާ ކަމަކުން ޔުކްރޭން ދުރުހެލިވެއްޖެނަމަ ޔުކްރޭނާ އެކު ސުލްހަ ގާއިމުކޮށް އިހްލާސްތެރި ކަމާއެކު މޮސްކޯ ދެމިއޮންނާނެ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

މޮސްކޯގައި ބޭރު ގައުމުތަކުގެ ސަފީރުންނާ އެކު އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ލަވްރޯފް ވިދާޅުވީ -- ޔުކްރޭނާ އެކު ސުލްހަވުމަށް އޮތް ޝަރުތަކުގެ ތެރޭގައި -- ޔުކްރޭންގެ މައްޗަށް ރަޝިއާ ހޯދާފައި ހުރި ކާމިޔާބީތައް، ޔުކްރޭނުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

ލަވްރޯފް ވިދާޅުވި ގޮތުން ރަޝިއާއިން ޔުކްރޭންގައި ހިންގަމުން ގެންދާ އަސްކަރީ ހާއްސަ އޮޕަރޭޝަންގައި، ޔުކްރޭންގެ އިމުން ހޯދާފައި އޮތް ސަރަހައްދުތަކަކީ ރަޝިއާގެ ބައެއް ކަމަށް ޔުކްރޭން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސްރަ ޝިއާގެ މި ބުނުމަށް ޔުކްރޭން ރުހޭނެ ކަމަކަށް ނުބެލެވެ އެވެ.

ޔުކްރޭންގެ ބުނުމަކީ އެ ގައުމުން ވެލިފުކެއްވެސް ރަޝިއާއަށް ދޫކުރުމެއް ނޯންނާނެ އެވެ. ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ޔުކްރޭން އިހު އޮތް ގޮތަށް -- 1991 ގައި ބޯޑަރު އޮތް ސަރަހައްދު ޔުކްރޭނަށް ލިބެން ޖެހޭނެ ކަމަށް އެ ގައުމުން އޮތީ ކުރިންވެސް ބުނެފަ އެވެ.

ލަވްރޯފް ވިދާޅުވީ ހުޅަނގުގެ ނުފޫޒެއް ނެތް ނަމަ، ރަޝިއާއާއި ޔުކްރޭން މިހާރު ތިބޭނީ ސުލްހަވެގެން ކަމަށެވެ. ރަޝިއާގެ ހާއްސަ އޮޕަރޭޝަން ފެށުމަށް ފަހުވެސް -- މާޗް 2022 ގައި ދެ ގައުމު ސުލްހަވުމަށް ރަނުގެ ފުރުސަތުތަކެއް ލިބުނު ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުރުކީގެ އިސްތަންބޫލްގައި އޮތް ސުލްހައިގެ މަޝްވަރާތަކުގައި ޔުކްރޭން އިހްތިޔާރުކުރީ އެމެރިކާއާއި އިނގިރޭސިވިލާތުން ލައިދިން ބުއްދި ކަމަށެވެ. ރަޝިއާ އާއި ޔުކްރޭނަށް ސުލްހައިގެ އެއްބަސްވުމެއް ނުހެދިގެން އުޅެނީ ހުޅަނގުގެ ފިއްތުންތަކާ ހެދި ކަމަށްވެސް ރަޝިއާގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުން ޔުކްރޭނުން ދެއްކި ބޯހަރުކަމާއެކު ފާއިތުވެ ދިޔަ ދުވަސްތަކުގައި މަރުހަލާތަކެއް ކަޑައްތުކުރެވިއްޖެ އެވެ. އަދި ރަޝިއާގެ ފައުޖުތަކުން ޔުކްރޭންގައި ކުރިއެރުންތަކެއް ހޯދައި ބައެއް ސަރަހައްދުތަކުގައި ރަޝިއާގެ ދިދަ ނަގައިފި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޔުކްރޭންގެ ފަސްގަނޑުން ރަޝިއާ ހިފާފައި އޮތް ސަރަހައްދުތައް ދޫކޮށްލުމަކީ ރަޝިއާގެ ވިސްނުމެއް ނޫނެވެ. ސުލްހައިގެ އެގްރިމެންޓެއް ޔުކްރޭނަށް މުހިއްމު ނަމަ އެންމެ ގާތީ ޔުކްރޭނުން ބައެއް ރަޝިއާއަށް ދޫކޮށްލުމެވެ.