ޣައްޒާގައި ހާލުގައި ޖެހިފައި ތިބި އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަން (ބަޑްލިޔުސީކޭ)ގެ ތިން ވެހިކަލަކަށް އިޒުރޭލުގެ އަސްކަރީ ޑްރޯންތަކުން ދިން ހަމަލާގައި ހަތް މީހަކު ވަނީ މަރުވެފަ އެވެ.
އިޒުރޭލުގެ ގޮތެއް ނެތް މި ހަމަލާތައް މުޅި ދުނިޔެ ވަނީ ކުށްވެރިކޮށްފަ އެވެ. އިޒުރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށް -- އެހީ ފޯރުކޮށްދޭ ޖަމާއަތްކަށް ހަމަލާ ނުދިނުމަށް އިންޒާރު ދީފަ އެވެ.
އިޒުރޭލުގެ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ކުރިމަތިވި ބޮޑު ޕްރެޝަރާ ހެދި ވޯލްޑް ސެންޓްރަލް ކިޗަންގެ މެމްބަރުންނަށް ހަމަލާ ދޭން ޖެހުނު ސަބަބު ވަނީ ބަޔާންކުރަން މަޖުބޫރުވެފަ އެވެ.
އިޒުރޭލުން ބުނި ގޮތުން ޑަބްލިޔުކޭސީގެ އުޅަނދުތަކަށް ހަމަލާދެވުނީ ހަމާސްގެ ހަނގުރާމަވެރިން ކަމަށް ހީކޮށެވެ. އެއީ އަސްކަރިއްޔާއަށް ހެދުނު ގޯހެއް ކަމަސް އެއްބަސްވެސްވި އެވެ.
ޑަބްލިޔުސީކޭއަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، އެމެރިކާ، ޕޮލެންޑް އަދި ފަލަސްތީން މީހުން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ މި ހަމަލާ އަކީ އޮޅިގެން -- ކޮން ބަޔަކުކަން ނޭނގިގެން ދިން ހަމަލާއެއް ނޫނެވެ.
ޣައްޒާ ބަނޑަށް މަރަން ޔަހޫދީން ކުރާ މަސައްކަތްތަކަށްޑަބްލިޔުސީކޭގެ ސަބަބުން ހުރަސްއެޅޭތީ ހަމަލާދިނީ ކަމަށްވެސް ސިޔާސަތު ދިރާސާކުރާ މީހުން ބުނެ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާ ބުނާ ގޮތުން ޑްރޯން މެދުވެރިކޮށް ހަަމަލާދޭން އަމުރުކުރި ދެ އޮފިސަރުން މިހާރު ތިބީ މަސްއޫލިއްޔަތުތަކުން ދުރުކޮށް އަދި ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.
ޑަބްލިޔުސީކޭގެ ވެހިކަލްތަކަށް ހަމަލާދެވުނީ އެ ސަރަހައްދުން ހަމާސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަން ފެނިގެން ކަމަށްވެސް ޒަޔަނިސްޓް އަސްކަރިއްޔާ އިން ބުންޏެވެ.
އިޒުރޭލުން ހަމަލާދިން ވެހިކަލްތަކުގެ ފުރާޅުގައި ބަޑްލިޔުސީކޭގެ ލޯގޯ ބޮޑު އަކުރުން ފަވާފައި ވަނިކޮށް ހަމަލާދިނީ ކީއްވެތޯ ސުވާލުކުރުމުން އިޒުރޭލުގެ އަސްކަރިއްޔާއިން ބުނީ ރޭނގަޑު އަނދިރީގައި ޑްރޯންގެ ކެމެރާތަކަށް އެ އަކުރުތައް ފާހަގަނުކުރެވުނީ ކަމަށެވެ.
އިޒުރޭލަކީ އެންމެ ޒަމާނީ އަސްކަރީ އާލާތްތައް ބޭނުންކުރާ ބަޔަކަށް ވާއިރު ޑަބްލިޔުސީކޭއަށް ހަމަލާ ދެވުނީ އޮޅުމަކުން ކަމަށް ބުނުމަކީ ބުހުތާން ދޮގެކެވެ. ޒަޔަނިސްޓުންގެ މި ބުނުން އެއްވެސް ބަޔަކު ގަބޫލެއް ނުކުރެ އެވެ.