ޑރ. މުހައްމަދު މުއިއްޒު

މަސައްކަތުގެ ނަތީޖާ ފުރިހަމަވާނީ މަޖިލިސް ލިބިގެން: ރައީސް

ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ފުރިހަމަވާނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމަށް ރޭ ބޭއްވި ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ އަމާޒެއް ހުރީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ކާމިޔާބުކުރި ރިޔާސީ އިންތިހާބުގެ ފުރިހަމަ ނަތީޖާ ހާސިލުކުރެވޭނީ ދެވަނަ މަރުހަލާ ކަމުގައިވާ ސަރުކާރަށް އެއްބާރުލުންދޭނެ ރައްޔިތުންގެ މަޖިލީހަކާއެކު ކަމަށެވެ.

އެކަންކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބުމުން މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"ފުރިހަމަ ނަތީޖާއާ ހަމައަށް ގެންދެވޭނީ އޭގެ ދެވަނަ މަރުހަލާކަމުގައިވާ ސަރުކާރަށް އެންމެ މުހިންމު އެއްބާރުލުމެއް ދެވޭނެ އަދި ދޭން ޖެހޭނެ ތަނެއްގެ ގޮތުގައި ގާނޫނީ ގޮތުންވެސް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައްވެސް ހަމަ މި ދެންނެވި ވިސްނުމުގައި ތިބި ބަޔަކު ހޮވައިގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ސަރުކާރަށް ނުލިބިއްޖެނަމަ ރައްޔިތުންގެ އުންމީދުތައް މަޑުޖެހިގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.