ހަބަރު

ފޭރިގަންނަން އުޅުނު ފޯނު ނުލިބުމުން މީހެއްގެ ކަންފަތުގެ ބައެއް ކާލައިފި

މިސްކިތުގައި ހުރި މީހެއްގެ ފޯނު ފޭރިގަންނަން އުޅެ އެކަން ނުވުމުން އެމީހާގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް ކާލައިފި އެވެ. މިއަދު ހެނދުނު 9:30 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީހެއްގެ ކަންފަތަށް ގެއްލުންދީގެން މިއަދު ހައްޔަރުކުރި މިހާއަކީ، މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު ދެ މައްސަލައެއް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.