ޑރ. މުހައްމަދު މުއިއްޒު

މަޖިލީހުން އެއްބާރުލުން ނުދޭތީ ހުރަސްތައް ކުރިމަތިވޭ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބޭނަމަ ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އެޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރޭ ބޭއްވި ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާ ދެކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބޭނަމަ ސަރުކާރުން ބޭނުންވާ ކަންކަން ހާސިލުނުވާނެ ކަމަށެވެ.

"ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބެންޏާ ހަމަ ކިތަންމެ ހުރަހެއް ކުރިމަތިކުރެވޭނެ. ބަޖެޓް ފާސްކޮށް ނުދިނުމުން އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ބަޖެޓް ފާސްކުރިއިރު ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވި ބައެއް މަޝްރޫއުތަކަށް ހުރަސް އަޅާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ދުވަހަކީވެސް ރައްޔިތުންނަށް ކަންކަން ކޮށްދެވޭ އަދި ނަތީޖާ ނެރެދެވޭ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށެވެ.

އެކަން ހާސިލުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބުން މުހިންމު ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.