ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ތައާރަފުކުރާ އީ-ޕެޓިޝަން ނިޒާމަށް ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތައާރަފުކުރަން ނިންމާފައިވާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މި ނިޒާމަކީ އެ އިދާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ނިޒާމެކެވެ.

މިއީ މިހާރު އަމަލުކުރަމުންދާ ޕެޓިޝަންގެ ނިޒާމު ޒަމާނީކޮށް އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ތައާރަފުކުރަން ރާވާ ގޮތާއި ބެހޭ ސިޔާސަތު ކަރުދާހެކެވެ.

އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް އެއްވެސް މީހެއްގެ ހިޔާލެއް އޮތްނަމަ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ޕެޓިޝަލް ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން އޮންލައިންކޮށްވެސް ހިޔާލު ހުށަހެޅޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހުގައި ހިމެނޭ މުހިންމު މަފްހޫމްތަކާއި މި ނިޒާމު ތަރުތީބު ކުރެވިފައިވާ ގޮތް ތަފުސީލުކޮށް ދިނުމަށްޓަކައި މައުލޫމާތު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެ ގޮތުން ސަަރުކާރުގެކަމާ ބެހޭ ވުޒާރާތަކާއި ސިޔާސީ ޕާޓީތަކާއި ޔުނިވާސިޓީތަކާއި މަދަނީ ޖަމިއްޔާތަކަށް މައުލޫމާތު ދިނުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އާންމުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.