ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއެޅި މައްސަލައިގައި ބާރު ބޭނުންކޮށްފައިވާ ގޮތް ބެލުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އަންގަވައިފި އެވެ.
ފުލުހުން ރޭ ވަނީ ޕީއެންއެފް ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ އިސްވެރިންނާއި އާންމު މެންބަރުން ޣިޔާސުއްދީން ސްކޫލަށް ވަޑައިގަތުމުން އެ ސްކޫލުގެ ގޭޓް ބަންދުކޮށް އެތަނަށް ވަނުން މަނާކޮށްފަ އެވެ.
ޕީއެންއެފް އިން ބުނި ގޮތުގައި ފުލުހުން އެ ޖަލްސާއަށް ހުރަސް އެޅީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަދީ އަދި ޣިޔާސުއްދީން ސްކޫލާ އެކު އެއްބަސްވުމެއް ހަދައި ޖަލްސާ ބޭއްވުމަށް އެ ސްކޫލަށް ފައިސާ ވެސް ދައްކާފައި ވަނިކޮށެވެ.
ނަމަވެސް ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ޕީއެންއެފްއާ އެކު ހަދާފައި އޮތް ބާތިލްކޮށްފައިވާ ކަމަށް އެ ސްކޫލުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އެތަނަށް ދިޔައީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި އެ ސްކޫލަށް ބަޔަކު ވަންނަން އުޅުމުން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ.
މިޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސްއެޅުމާ ގުޅިގެން ޕީއެންއެފްގެ އާންމު މެންބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގުމާ ގުޅިގެން ފުލުހުން އެކަން މައިތިރި ކުރީ ޕެޕަ ސްޕްރޭ ޖަހައިގެންނެވެ. އެވަގުތު ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި މަންޒަރުވެސް ފެނިގެން ދިޔަ އެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާ ގުޅޭ ކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށް އަންގަވާފައިވާ ކަމަށެވެ.
"އަދި ވަކިން ހާއްސަކޮށް 'އެސް.އޯ' ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް އަންގަވާފަ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި "އެސް އޯ" ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން މިހާރު ވާނީ ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގަވާފައި ކަމަށެވެ.