ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއެޅުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާއަށް ހުރަސްއަޅައި އެ ޕާޓީގެ މެންބަރުންނަށް ޖަލްސާގައި ބައިވެރިނުވެވޭ ގޮތް ހެދުމަށް ސަރުކާރުން ކުރި ކަންކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކާ ހަވާލާދީ ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ހިޔާލުތަފާތުވުމުގެ ހައްގު އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"އެއީ ވެރިކަމުގައި ތިބި އެއްވެސް ފަރުދެއްގެ ރުހުމުގައި އަޅުގަނޑުމެންނަށް ލިބިދޭ އިމްތިޔާޒުތަކެއް ނޫން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އަސާސީ ހައްގުތަކަކީ ކުރިއަރަމުން އަންނަ ހުޅުވާލެވިފައިވާ މުޖުތަމައެއްގައި މުހިއްމު ބިންގަލެއްގެ ގޮތުގައި ދިފާއުކޮށް ހިމާޔަތް ކުރަންޖެހޭ ހައްގުތަކެއް ކަމަށެވެ.
ޕީއެންއެފް އިން ބުނި ގޮތުގައި ފުލުހުން އެ ޖަލްސާއަށް ހުރަސް އެޅީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަދީ އަދި ޣިޔާސުއްދީން ސްކޫލާ އެކު އެއްބަސްވުމެއް ހަދައި ޖަލްސާ ބޭއްވުމަށް އެ ސްކޫލަށް ފައިސާ ވެސް ދައްކާފައި ވަނިކޮށެވެ.
ނަމަވެސް ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ޕީއެންއެފްއާ އެކު ހަދާފައި އޮތް ބާތިލްކޮށްފައިވާ ކަމަށް އެ ސްކޫލުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އެތަނަށް ދިޔައީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި އެ ސްކޫލަށް ބަޔަކު ވަންނަން އުޅުމުން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ.
މިޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސްއެޅުމާ ގުޅިގެން ޕީއެންއެފްގެ އާންމު މެންބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގުމާ ގުޅިގެން ފުލުހުން އެކަން މައިތިރި ކުރީ ޕެޕަ ސްޕްރޭ ޖަހައިގެންނެވެ. އެވަގުތު ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި މަންޒަރުވެސް ފެނިގެން ދިޔަ އެވެ.