ދުނިޔެ

އިޒުރޭލުގެ ދިފާއީ ވުޒާރާއަށް ހެކަރުން ވަދެގެންފި

އިޒުރޭލުގެ ދިފާއީ ވުޒާރާގެ ކޮމްޕިއުޓަރުތަކަށް ހެކަރުން ވަދެގެންފި އެވެ.

ހެކަރުން ބުނާ ގޮތުން ވަގަށް ނެގި މައުލޫމާތު ހުރީ ވިއްކާ ގޮތަށެވެ. އަގަކީ އިޒުލޭރު ޖަލުން ފަލަސްތީންގެ 500 މީހަކު ދޫކޮށްލުމެވެ.

ހެކަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ދިފާއީ ވުޒާރާއިން މައުލޫމާތުތަކެއް ވަގަށް ނެގި ކަަމަށް އިޒުރޭލަށް ގަބޫލު ނުކުރެވޭނަމަ އެއީ ހެކަރުންގެ މައްސަލައެއް ނޫނެވެ. އެ ނޫން ގޮތެއްގައި ޒަޔަނިސްޓުންނަށް އޮތީ ގައުމުގެ ދިފާއީ ރޭވުންތައް އާންމު މާކެޓުގައި ނީލަންކިޔާތަން ބަލަން ތިބުމެވެ.

އިޒުރޭލުގެ ނޫސްތަކުން ބުނާ ގޮތުން ދިފާއީ ވުޒާރާގެ ކޮމްޕިއުޓަރުތަކަށް ހެކަރުން ވަތް ކަމަށް އެ ބުނާ ވާހަކަ އަކީ ތެދެކެވެ. އެކަމަކު ހެކަރުން ވަގަށް ނެގި އެއްވެސް އެއްޗެއްގެ މައުލޫމާތު ނޫސްތަކުގައި ޝާއިއުކޮށްފައެއް ނުވެ އެވެ.

ހެކަރުން ވަގަށް ނެގި މައުލޫމާތުތައް ނިސްބަތްވަނީ "ކޮމިއުނިކޭޝަން އެންޑް އޯޑާސް"އާ ގުޅޭ މައުލޫއަށެވެ. މި ލިޔުންތަކުގެ އަގަކީ ހެކަރުން ބުނާ ގޮތުން 50 ބިޓްކޮއިންސް އެވެ. އެއީ ގާތްގަނޑަކަށް 3.45 މިލިއަން ޑޮލަރެވެ.

ނަމަވެސް ލިޔުންތައް އެ އަގަށް ވިއްކުމުގެ ބަދަލުގައި އިޒުރޭލަށް އެއްވެސް ހަރަދެއް ނުކޮށް އެތަކެތި ލިބޭ ގޮތަށް ހެކަރުން ވަނީ ހަމަޖައްސައިދީފަ އެވެ. އެއީ އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން މީހުންގެ ތެރެއިން 500 މީހަކު ދޫކޮށްލުމެވެ.

ޓެލެގްރާމް ޗެނަލެއްގައި ހެކަރުން އާންމުކުރި މި މައުލޫމާތާ ބެހޭ ގޮތުން އިޒުރޭލުގެ ދިފާއީ ވުޒާރާއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި ލިޔުންތައް ހެކަރުންގެ އަތުން ހޯދުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުންވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

ހެކަރުން ބުނެފައިވަނީ އެކަށީގެންވާ ބަދަލަކަށް ނޫން ގޮތަކަށް ލިޔުންތައް ނުދޭނެ ކަމަށެވެ. އަގު ހަމަނުޖެހިއްޖެނަމަ އިންޓަނެޓް ޗެނަލްތަކުގައި އެ ލިޔުންތައް ޝާއިއުކުރާނެ ކަމަށްވެސް ހެކަރުން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ޣާއްޒާއަށް ދޭންފެށި ހަމަލާތައް އަދިވެސް ހުއްޓާލާކަށް ނޫޅެ އެވެ. މި ހަމަލާތަކުގައި ޣާޒާއިން މަރުވި މީހުންގެ އަދަދު 33،482 އަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ދުނިޔޭގެ ޕްރެޝަރު އިޒުރޭލަށް އޮތީ ކުރިމަތިވެފަ އެވެ. އެވަރުންވެސް ޒަޔަނިސްޓުން ތިބީ ހަމަލާތައް ހުއްޓާލާ ގޮތަކަށް ނޫނެވެ.