ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ލ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވާ އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާ އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ހައްދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަށްފަހު މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެ އެވެ.

މީގެ އިތުރުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާ މި އަތޮޅުތަކާ ރަށްރަށާ ސިޓީތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރައީސް މުއިއްޒު މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ރ. އަތޮޅާއި، ބ. އަތޮޅާއި، ދ. އަތޮޅާއި، މ، އަތޮޅާއި، ވ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފަ އެވެ.