ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް އައްޑޫއަށް މިވަޑައިގެންނެވީ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހު އެވެ.
ރައީސް އައްޑޫއަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ރައީސް އަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުންވެސް ހާޒިރުވި އެވެ.
ރައީސް އައްޑޫއަށް ކުރައްވާ މިދަތުރުފުޅުގައި މިރޭ އައްޑޫ ހައިސްކޫލޫގައި އާންމު ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް މީގެކުރިންވެސް އެއް ފަހަރު ރައީސް ވަނީ އައްޑޫއަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ރައީސްގެ ހާޒިރުގައި ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ ސާވޭ ކުރިއަށް ގެންދިއުމަށް މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފަ އެވެ.