ޑރ. މުހައްމަދު މުއިއްޒު

އަމާޒަކީ މާލެ ފެންވަރަށް އައްޑޫ ތަރައްގީކުރުން: ރައީސް

ވައުދުވީ ކަންކަން ރަނުން ރަނަށް ފުއްދިގެންދާއިރު މާލެ އާއި އެންފަރަށް އައްޑޫ ސިޓީ ތަރައްގީކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މާލެއާއި އެއް ފެންވަރުގައި ރާއްޖޭގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. އެގޮތުން އެންމެ ދެކުނުގެ ހަތަރު އަތޮޅު ތަރައްގީވެގެން އަންނައިރު އެ ސަރަހައްދުގެ މައި މަރުކަޒަކަށް ވާނީ އައްޑޫ ސިޓީ ކަމަށް ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ ކަމެއް މާލެއާއި އެއް ފެންވަރެއްގައި ތަރައްގީކުރެއްވުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"މި ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށްޓަކައި ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކުރަން ބޭނުންވަނީ. ހަމައެގޮތަށް ރާއްޖޭގެ އެންމެ އުތުރުންވެސް ހަތަރު އަތޮޅު އެފަދަ ޒޯނެއް ގޮތަށް ތަަރައްގީކުރުން އެއީ އަމާޒަކީ. އަދި މެދު ރާއްޖޭތެރޭގައި ހަތް އާބަން ސެންޓަރު ތަރައްގީކުރުން ދެން މިއޮތީ،": ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ ގޮތަށް ރާއްޖޭގެ ސަރަހައްދުތަކެއް ތަރައްގީކޮށްގެން ނޫނީ މުޅި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އައްޑޫ ތަރައްގީވެގެން އަންނައިރު އައްޑޫ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން ބޮޑެތި މަޝްރޫއުތައް ފަށަނީ ވެރިކަމުގެ ފަހު އަހަރުގައި ކަމަށެވެ. ނަމަވެސް ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ގެނައުމަކީ އެމަނިކުފާނު ބޭނުންވާ ގޮތް ކަމަށްވާތީ އެ މަސައްކަތުގައި އެންމެ ސިކުންތެއްވެސް ބޭކާރު ކުރަން ބޭނުން ނުވާތީ ބޮޑެތި މަޝްރޫއުތައްވެސް ވެރިކަމުގެ ކުރީކޮޅު ފަށަން ބޭނުންވީ ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ހެދުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއު މިއަހަރު ތެރޭގައި ފަށާނެ ކަމަށާއި އަމާޒަކީ މިދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމާލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ބްރިޖުގެ ސާވޭ ނިމި ޑިޒައިންގެ ތިންބައިކުޅަ އެއްބައި މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އައްޑޫ ބްރިޖަކީ 30 މީހުން ސައިކަލް ދުއްވާލަން ހަދާ ބްރިޖެއް ކަމަށް ވާދަވެރިން ބުނި ނަމަވެސް އެއީ އައްޑޫއަށް ތަރައްގީ ގެނައުމަށް މުހިއްމު ވަސީލަތަކަށް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށްޓަކައި އިތުރު އެއާލައިންތަކުގެ ދަތުރުތައް އައްޑޫއަށް ފެށޭނެ ގޮތެއް ހޯދަމުންދާ ކަމަށެވެ. އަދި މިހާރު ދަތުރުކުރަމުންދާ ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އިތުރުކުރެވޭތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން މިސަރުކާރުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ޓޫރިޒަމް މަޝްރޫއު -- އައްސޭރި ޕްރޮޖެކްޓާއި އަދި ކުރިން ޕްލޭންކޮށްފައި އޮތް ހަންކެނޑެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އައްޑޫގެ ބައެއް މަގުތައް މިހާރު ހަދާފައިވާ ގޮތް ކަމުނުދާތީވެ އެފަދަ މަގުތައް ތާރުއަޅައިގެން އަލުން ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިޖަލްސާގައި އައްޑޫ އާއި އެހެން ރަށްތަކުގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށެވެ. ސަރުކާރަށް މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އިއުލާންކޮށްފައިވާ އަދި ފަށާފައިވާ ބިޔަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ސާފު މެޖޯރިޓީ ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް ހުރަސްއެޅިގެންދާނެ ކަމަށާއި ވައުދުތައް ރަނުން ރަނަށް ފުއްދަން ބޭނުންވާތީ މަޖިލީހަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުން މުހިއްމު ކަމުގައި ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެހެންކަމުން އެއްވެސް މަޝްރޫއެއް ފަސްނުކޮށް އަދި އެއްވެސް ވަގުތެއް ބޭކާރު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ވެރިކަމަކީ އަމާނާތެކޭ، ބޮޑު ޒިންމާއެކޭ، އެއީ މަސްއޫލިއްޔަތެކޭ،" ރައީސް ވިދާޅުވި އެވެ.