ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާގައި ބައިވެރިވާން އެމްޑީޕީ އާއި އަދާލަތަށް އަލުން ދައުވަތުދީފި

އިތުބާރު ހިފޭ މާހައުލެއް ނެތް ކަމަށް ބުނެ ޕާޓީ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ދެކޮޅު ހެދުމުން އެދެ ޕާޓީ އަށް އަލުން ދައުވަތު ފޮނުވައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަޝްވަރާކޮށް ވާހަކަ ދެއްކުމުގެ ބޭނުމަކީ އިތުބާރުހުރި މާހައުލެއް ގާއިމުކޮށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުން ކަމަށާއި އެހެންވެ މިރޭގެ މަޝްވަރާތަކަށް އެމްޑީޕީ އާއި އަދާލަތަށް އަލުން ދައުވަތު ދީފައިވާ ކަމަށެވެ.

އަލުން އަދާލަތު ޕާޓީ އާއި އެމްޑީޕީއަށް ދައުވަތު ދިން ނަމަވެސް ކުރިން ވެސް ރޭވިފައި އޮތް ގޮތަށް މިރޭ ބާއްވަން އޮތް މަޝްވަރާތައް ކުރިޔަށްދާނެ އެވެ. އަދާލަތު ޕާޓީ އާއި އެމްޑީޕީ ފިޔަވައި ޑީއާރްޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް އަދި އެމްޑީއޭއިން ވަނީ މަޝްވަރާތަކުގައި ބައިވެރިވާން ނިންމާފަ އެވެ.

އެމްޑީޕީ އަދި އަދާލަތު ޕާޓީ އިން ބުނަނީ ޖަލުގައި ތިބި ސިޔާސީ މީހުން ދޫނުކުރަނިސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަނީ މަޝްވަރާގެ ކުރިން ކުރާ ޝަރުތުތަކަށް ސަރުކާރުން ބޯ ނުލަބާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ، ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ޑީއާރްޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ އެ ޕާޓީގެ ލާޑަރު މުހައްމަދު ނަޝީދެވެ. ޕީޕީއެމްގެ ފަރާތުން ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން އަދި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ އަބްދުލް ރަހީމް ބައިވެރިވާއިރު އެމްޑީއޭގެ ފަރާތުން ބައިވެރިވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމާއި ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ މެންބަރު މައުރޫފާއި އާމިރެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މެންބަރު އަބްދުﷲ ރިޔާޒެވެ.

މަޝްވަރާތައް ރައީސް އޮފީހުގައި ފަށާނީ މިރޭ 8:30 ގަ އެވެ. މަޝްވަރާތަކުގެ ކަވަރޭޖް ހެދުމަށް މީޑިއާތަކަށް ވެސް ވަނީ ދައުވަތު ދީފަ އެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން އިއްޔެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، މަޝްވަރާތަކުގައި ސަރުކާރުން އިސްވެ އެއްވެސް ކަމެއް ހުށަނާޅާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މާދަމާ މަޝްވަރާތަކަށް އެމަނިކުފާނުގެ ފޮތް ހުޅުވާލައްވާނީ އެއްވެސް އެއްޗެއް ނުލިޔުއްވާ ކަމަށާއި މަޝްވަރާގައި ބިނާކުރުވަނިވި ކަންތައްތައް ހުށަހަޅަންވާނީ ޕާޓީތަކުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ގާނޫނާ ހިލާފަށް ޝަރީއަތުން ބޭރުން ހައްޔަރުކޮށްފައި ނުވާ ކަމަށާއި ހައްޔަރުކޮށްފައިވާނަމަ އެމީހުންގެ އަދަދު މަޝްވަރާތަކުގައި ބުނެދޭން ޖެހޭނެ ކަމަށެވެ.