ފ. ނިލަންދޫން ދިރިއުޅުމަށް 129 ގޯތި ދޫކުރަން އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފި އެވެ.
ނިލަންދޫ ކައުންސިލުން ރޭ ކުރި އިއުލާނުގައި ބުނީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން ފާސްކޮށްފައިވާ ކަމަށެވެ.
އެ ގޮތުން މާޗް 30 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ގޯތި ދޫކުރުމާބެހޭ އުސޫލަށް ބައެއް އިސްލާހު ގެނެސް މިމަހުގެ 12 ވަނަ ދުވަހު އެ އުސޫލު ގެޒެޓްކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ގޯއްޗަށް އެދުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މެއި 30 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.
ދޫކުރެވޭ ގޯތިތަކާބެހޭ މައުލޫމާތު
- ގޯތީގެ އަދަދު: 129
- ގޯތީގެ ސައިޒް: 2،000 އަކަފޫޓްގެ 96 ގޯތި، 2،800 އަކަފޫޓުގެ 33 ގޯތި
ނިލަންދޫ ކައުންސިލުން ބުނި ގޮތުގައި ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އެ ރަށު "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ރަށު "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯތި އަދި "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރުވެފައިވުމާއި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ.
ގޯއްޗަށް އެދޭ މީހާއަކީ ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތް ނުވަތަ ލިބިފައި ނުވާ މީހަކަށްވާން ޖެހެ އެވެ. އަދި 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލަން އެއްބަސްވާންޖެހެ އެވެ.
ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވާކަމުގެ އިގުރާރު ފޯމާއެކު ހުށަހަޅަންޖެހެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށްވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފުލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާފައި ނުވަތަ ވިއްކާލާފައިވާން ޖެހެ އެވެ. އަދި ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑުގައި ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓު 60 އަށްވުރެ މަތިން ޕޮއިންޓު ލިބޭ މީހެއްކަމުގައި ވާންޖެހެ އެވެ.
ނިލަންދޫ ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީގެ "ހިޔާވެހި" ޕޯޓަލް ތެރެއިން ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ނިލަންދޫ ކައުންސިލަށް ފޯމު ހުށަހަޅަން ބޭނުންވާ މީހުންގެ ފޯމުތައް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކައުންސިލް އިދާރާއިން ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.