ޑރ. މުހައްމަދު މުއިއްޒު

ބޭނުމީ ބާރު ދުވެލީގައި ކުރިއަށްދާން: ރައީސް

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި ބާރު ދުވެލީގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފ. ފީއަލީގައި އެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ނަތީޖާ ނެރުމަށްޓަކައި އެންމެ ދުވަހެއްވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭން ބޭނުންވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް އަވަހަށް ހަގީގަތަކަށް ވުމަކީ، ރައްޔިތުންވެސް އެންމެ ބޭނުންވާ ގޮތް ކަމަށެވެ.

"އެހެންކަމުން އެކަންކަން ހަގީގަތަކަށް ހެދުމަށް އަޅުގަނޑު މަސައްކަތް ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިއްމު ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އެގޮތަށް އެނގުމުން އެކަންކަން އަވަހަށް ތަންފީޒުކުރުމަށް ފަސޭހަވެގެންދާ ކަމުގައި ވިދާޅުވި އެވެ. ހަމަ އެއާއެކު މިހާރު ކުރަމުންދާ ދަތުރުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ފީއައްޔަކީ، ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އެންމެ ފަހު މަންޒިލެވެ.