ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ އިދިކޮޅުން އެމަނިކުފާނާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮތުން މާލެ ސިޓީގެ މޭޔަރު އިންތިހާބާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ބުހުތާނު ދޮގު ހަދައިގެން އަގު ވައްޓާލަން މަސައްކަތްކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން އެކި ކަހަލަ މައްސަލަތަކުގައި އެމަނިކުފާނާ ސުވާލުކޮށް ޝަރީއަތްކުރިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެއިން އެއްވެސް ކަމެއް ސާބިތުވެފައިނުވާ ކަމަށެވެ.
"(މީގެ ކުރިން) އަޅުގަނޑު ގެންގޮސް އެކި ކަހަލަ މައްސަލަތަކުގައި ސުވާލުކޮށް ޝަރީއަތްކޮށް ކަންކަން ކުރިނޫންތޯ. ޝަރީއަތްވެސް ކުރި. އެއިން އެއްވެސް ކަމެއް ސާބިތެއްވެސް ނުވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މުދަލާއި ފައިސާގައި ޖެހިވަޑައިނުގަންނަވާނެ އެވެ.
"ގާނޫނާއި ގަވާއިދާ ހިލާފަށް އޭރުގައިވެސް ކަމެއްކޮށްފައި ނޯންނާނެ. މިއަދަކުވެސް ނުކުރާނަން. އަދި ކުރިއަށް އޮތްތާންގައިވެސް އަޅުގަނޑެއް ނުކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އިދިކޮޅުން ފަތުރާ ވާހަކަތައް ކާމިޔާބުނުވާނެ ކަމަށެވެ.
"ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅެ ކުރީގައިވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ. އުޑުގައި ޖެހި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.