ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓްލުން ކުރިއަށް ގެންދަން ކަނޑައެޅި ވަގުތު ހަމަވުމާއެކު ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި 5:30 ވީއިރު ކިޔުގައި މީހުން ނެތް ވޯޓް ފޮށިތައް ވަނީ ބަންދުކުރަން ފަށާފަ އެވެ.

ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަވީރު 5:00 އާ ހަމައަށް ވޯޓުލީ 207،693 މީހުންނެވެ.

އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.96 ޕަސަންޓެވެ. މީގެ ތެރޭގައި ހިމެނެނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުންނެވެ.