ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އިންތިހާބުގެ ގައިޑްލައިނަށް އަމަލުކުރަން ހަނދާންކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަވަރުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފި އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ މަޖިލިސް އިންތިހާބަށް ކޮމިޝަނުން ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކަމާ ގުޅޭ ފަރާތްތައް ހޭލުންތެރިކޮށް އަމަލުކުރަންވީ ގޮތް އަންގައިދީ ބުނެދީފައިވާނެ ކަމަށެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ އިންތިހާބުގެ ކަވަރޭޖު ކޮމިޝަނުން ބަލައި މޮނިޓާކުރަމުންދާ ކަމަށާއި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އިންތިހާބުތަކާ ގުޅިގެން އާންމުކޮށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކަކީ މަނާ ގަޑީގައި ކެމްޕޭން ކުރުމާއި، ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ ހުށަހެޅޭ ޝަކުވާ ކަމަށްވެސް ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ ގައިޑްލައިންގައި ނޫސްވެރިންނާ ޕްރެޒެންޓަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ އެކު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުން ހިމެނެ އެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ސަލާމަތީ ހިދުމަތްތަކުން ކުރާ އަމުރުތަކަށް ނޫސްވެރިންނާއި ޕްރެޒެންޓަރުން އިހްތިރާމް ކުރުމަށްވެސް ބާރު އަޅާފައިވެ އެވެ.

މީގެއިތުރުން އާންމުން ވޯޓަށް ހޭލުންތެރިކުރުމާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމާއި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ހަބަރާއި މައުލޫމާތު ފެތުރުންވެސް ގައިޑްލައިންގައި ހިމެނެ އެވެ.