ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓް ނަގަން ފެށުން ލަސްވިޔަސް ވަގުތު އިތުރު ނުކުރާނެ: އީސީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓް ނަގަން ފެށުން ލަސްވިޔަސް އަދި ވޯޓްލުން މެދުކެނޑު ނަމަވެސް އިތުރު ވަގުތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން ބުނީ ވޯޓް ނަގަން ފެށުން ލަސްވިޔަސް އަދި ވޯޓްލުން މެދުކެނޑު ނަމަވެސް ހަވީރު 5:30 ގައި ކިޔު ބަންދުވާނެ ކަމަށެވެ.

ކިޔު ބަންދުކުރުމަށްފަހު އެއްވެސް މީހަކަށް ކިޔުއަށް އެރުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދަން އީސީ އިން ކަނޑެޅީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ.

މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަވީރު 4:00 އާ ހަމައަށް ވޯޓުލީ 181،406 މީހުންނެވެ.

އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63.73 ޕަސަންޓެވެ. މީގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުންނެވެ.