ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ސަރުކާރު ޖަވާބުދާރީކުރާ ޕާޓީއެއްގެ ދެމި އޮންނާނަން: އެމްޑީޕީ

ސަރުކާރު ޖަވާބުދާރީކޮށް ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެޕާޓީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށްވުމަށް އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުންކަން ފާހަގަކޮށް އެމްޑީޕީން ބުނީ އިއްޔެ އިންތިހާބު ކާމިޔާބުކުރި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީން މިހާތަނަށް 67 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. އިިދިކޮޅު އެމްޑީޕީން ވަނީ 11 ގޮނޑި ކާމިޔާބުކޮށްފަ އެވެ.