ރާއްޖޭގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް މެއި މަހުގެ ދެވަނަ ދުވަހު އަމަލީ ގޮތުން ފަށާނެ ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވުމަށް ކުރިއަށް ގެންދާ "އަހާ" ޕްރޮގްރާމުގައި ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އަމަލީ ގޮތުން ރަސްމީކޮށް ފަށާނީ ކުރިއަށް އޮތް މެއި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި އޭގެފަހުން ކުރިއަށް އޮތް އެއް މަަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ މަސައްކަތް ފެށުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލާއިރު ކޮންމެ ބިދޭސީއެއްގެ 10 އިނގިލީގެ ފިންގަޕްރިންޓް އަދި އެމީހެއްގެ ފޮޓޯ ނަގާނެ ކަމަށެވެ. އަދި މި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި ނިންމުމަށްފަހު ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅިން ހައްލުކުރުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިދަންނަވާ އެއް އަހަރު މިހާރު ހިނގަމުން މިދަނީ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލާ ޑިޖިޓަލް ކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މި ނިޒާމު ބަލަހައްޓާނީ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ކަމަށެވެ. ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށްފަހު ސިސްޓަމަށް އެކްސަސް ވުމުގެ ފުރުސަތު ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް އަދި ލޯކަލް ކައުންސިލްތަކަށް އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާ ގުޅިގެން ރާއްޖެއިން ފޮނުވާލާ ބިދޭސީން ރާއްޖެއަށް ގެނައުމަށް ބަހައްޓާ ޑިޕޮސިޓް ލިބުން ލަސްވާ މައްސަލަ ވެސް ބައެއް މީހުންގެ ފަރާތުން ޝަކުވާގެ ގޮތުގައި ލިބޭ ކަމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު ބިދޭސީންގެ ޑިޕޮސިޓް ފައިސާ އެ މީހުން ފުރުވާލުމުން ލިބޭނެ ގޮތް އަވަސް ކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް އިތުރު ބިދޭސީން ގެންނަންޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ގޮތްތަކެއް ހޯދުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.