ސީރިޔާ

ސީރިއާ ސަރުކާރުން ވަނީ އެއްބަސްވުމާ ހިލާފުވެފައި: އިދިކޮޅު ހަނގުރާމަވެރިން

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިނާއި ސަރުކާރު ކޯލިޝަނުން ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފައިވާ އޮށްވާ އެއާ ހިލާފަށް ހަމަލާތައްދޭން ފަށާފައިވާ ކަމަށް ބުނެ ސަރުކާރުގެ ބޮލުގައި ހަނގުރާމަވެރިން އިލްޒާމު އަޅުވައިފިއެވެ.

ހަނގުރާމަވެރިން މި އިލްޒާމު އަޅުވައިފާވަނީ މިމަހުގެ ނުވަ ވަނަ ދުވަހ ބާއްވާ ސުލްހައިގެ ވާހަކަތަކަށް މަގުފަހި ކުރުމުގެ ގޮތުން ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވެ އެގޮތަށް އަމަލު ކުރަމުން ދަނިކޮށެވެ.

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހާމަކުރާ ގޮތުން ސަރުކާރު ކޯލިޝަނުން ދަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ހަމަލާދެމުން އަންނަނީ ތުރުކީގެ ބޯޑަރު ކައިރި ސަރަހައްދުތަކަށް ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެއެވެ.

ހަނގުރާމަ މެދުކަނޑާލުމުގެ ގޮތުން އެމެރިކާ އަދި ރަޝިޔާ އިން ވުޖޫދުކޮށްފައިވާ އެއްބަސް ވުމާ އެއްގޮތަށް އަމަލު ކުރަން ރަސްމީ ގޮތެއްގައި ފެށީ މި ހޮނިހިރު ދުވަހުއެވެ. ހަމަލާތައް މުޅިން ނުހުއްޓުނަސް ހަމަލާތައް މަދުވެފައިވާ ކަމަށް ބައެއް ނޫސް އޭޖެންސީތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިން ރޮއިޓާސް ނޫސް އޭޖެންސީއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ތުރުކީ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށް ސަރުކާރު ކޯލިޝަނުން ހަމަލާދެމުން އަންނަ ކަމަށެވެ. އަދި މެދު ކަނޑާލުމުގެ ކުރިން ހަމަލާ ދެމުންދިޔަ ބާރު މިނުގައި ހަމަލާ ދޭން އަލުން ފައްޓައިފި ކަމަށް ބުންޏެވެ.

ސީރިޔާގެ ސަރުކާރު ކޯލިޝަނުން މިހާރު ދަނީ ތުރުކީ ބޯޑަރާއި ދިމާލަށް ހަމަލާ ދެމުންނެވެ. އެއީ އިދިކޮޅު ހަނގުރާމަވެރިން ހަތިޔާރު އަދި އެހެނިހެން ތަކެތި ހޯދަމުން އަންނަ މަގެއްކަމަށް ވުމުންނެވެ.