ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "ގާލްސް ޓު ކޯޑް" ގެ ފަސްވަނަ ޕްރޮގްރާމް ހއ. ދިއްދޫގައި ބޭއްވުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.
އެގޮތުން މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" އާ ދިމާކޮށް މިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
މީގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދާ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
އެގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޑިންގް އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.
"ގާލްސް ޓު ކޯޑް" ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމް ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.
ހއ. ދިއްދޫއިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މިއަހަރުގެ ޕްރޮގްރާމަށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އޮންލައިން https://docs.google.com/forms/d/e/1FAIpQLSetBCI1LN8uFspRNuBCXH0fTjpusRDXtltZLlz_AchkcN_Apg/viewform މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ޕްރޮގްރާމްގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށެވެ. އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެ އެވެ. މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެ އެވެ.
މިއީ "ގާލްސް ޓު ކޯޑް" ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލައް ސިޓީގައި 2019 ވަނަ އަހަރުގައެވެ. އަދި ދެ ވަނަ ޕްރޮގްރާމް ތިނަދޫ ސިޓީގައި ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮގްރާމްގެ ތިންވަނަ އަދި ހަތަރުވަނަ ސީރީޒް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގަ އެވެ.