ހަބަރު

ކާރިސާތަކަށް ތައްޔާރުވެ ތިބެން 5.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށަނީ

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި އެފަދަ ހާލަތެއް ދިމާވުމުގެ ކުރިން ތައްޔާރުވެފައި ތިބުމަށް ނޭޝަނަލް ޑިސާސްޓަ މެނޭޖްމަންޓް ސެންޓާ (އެންޑީއެމްސީ) އާއި ޔޫއެންޑީޕީ ގުޅިގެން މަޝްރޫއެއް ފަށަން އެއްބަސްވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ ޖަޕާނުގެ ޕާޓްނާޝިޕް ފަންޑުގެ ދަށުންނެވެ. ޕްރޮޖެކްޓަށް 380،000 ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 5.8 މިލިއަން ރުފިޔާ) ހޭދަވެ އެވެ.

މި ޕރޮޖެކްޓުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށަށް ކާރިސާއެއް އައިސްދާނެ ކަމުގެ އިންޒާރު އަވަހަށް ދިނުމުގެ ނިޒާމްތައް އިތުރަށް ހަރުދަނާ ކޮށް ވަރުގަދަ ކުރުމަށް އެންޑީއެމްސީ އިން ވަނީ ރައިވާފަ އެވެ. އެގޮތުން 20 ރަށެއްގައި އެންޑީއެމްސީގެ ޓީމުތައް ހަރަކާތްތެރިވާނެ އެވެ

މި މަޝްރޫއު އިފްތިތާހު ކުރުމަށް ކޯސްޓް ގާޑު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ވަގުތެއްގައި ވެސް ކާރިސާއެއް އައިސްދާނެ ކަމަށާއި އަދި އައުމުގެ ކުރިން ގައުމު އޮންނަން ޖެހޭނީ އެއަށް އިޖާބަދޭން ތައްޔާރުވެފައި ކަމަށެވެ.

"އިއްޔެ ސުނާމީއެއް އަރާނެ ކަމުގެ އެލާޓެއް ރާއްޖެއަށް އައުމުން އަޅުގަނޑުމެންގެ ޓީމުތައް ތިބީ ތައްޔާރަށް. އަދި 2004 ގައި ހަމަ ސުމަޓްރާއަށް ބިން ހެލުން އައި އިރު އަޅުގަނޑުމެން ތައްޔާރުވެފައި ހުރި ވަރައި އަޅައި ބަލާއިރު އެދުވަހުން އަޅުގަނޑުމެންނަށް ދަސްވީ ފިލާވަޅުން މިއަދު މިހުރީ ވަރަށް ތައްޔާރަށް،" އާދަމް ވިދާޅުވި އެވެ.

މިޕްރޮޖެކްޓުގެ ސަބަބުން ކާރިސާތަކުން ރައްކާތެރިވުމަށް އިތުރަށް ހޭލުންތެރިވެ، އެކަމާއި ކުރިމަތިލުމަށް އެންޑީއެމްސީ ހުރި ގާބިލް ކަން އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރި ވިދާޅުވި އެވެ.