މަރު

އިމާރާތެއްމަތިން ވެއްޓުނު ދަގަނޑުގަނޑުން ޖެހުނު މީހާ މަރުވެއްޖެ

ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑުގަނޑަކުން ޖެހި ޒަހަމްވި ބިދޭސީ މީހާ މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މޫކައި ހޮޓެލް ކައިރީގައި ހަދަމުންދިޔަ މި އިމާރާތުން ވެއްޓުނު ދަގަނޑު ގަނޑުން ޖެހި އަނިޔާވި މީހާ މަރުވެފަިއވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާތާ 10 ދުވަސް ވީއިރު ވެސް ހޭއަރާފައެއް ނުވެ އެވެ. އޭނާ ނޭވާ ލަމުން ދިޔައީ ވެސް މެޝިނެއްގެ އެހީގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، ބަންގްލަދޭޝްގެ އެ މީހާގެ ހަށިގަނޑު މިހާރު އެ ގައުމުގެ އެންބަސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން ވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މީގެކުރިން ވެސް މާލޭގައި މިފަދަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބުރުމާ ކައްޓަކުން ޖެހި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެފައިވެ އެވެ. މާލޭގައި ގިނަ އިމާރާތްތަކެއް ހަދަމުންދާއިރު، އެފަދަ އިމާރާތްތަކުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުންނަ ފާހަގަކޮށްލެވެ އެވެ.