އޭސީސީ

ތޮއްޑޫ ކައުންސިލަރެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ގޯތީގެ ވެރިމީހާ މަރުވުމަށްފަހު އެއްވެސް މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް އޮތް ގޯއްޗެއް 15 އަހަރު ފަހުން ގާނޫނާ ހިލާފަށް މީހަކަށް ދިން މައްސަލައެއްގައި އއ. ތޮއްޑޫ ކައުންސިލަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ، ތޮއްޑޫ ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރަނީ މީގެ 15 އަހަރު ކުރިން ތޮއްޑޫ އިން މަރުވެފައިވާ މީހެއްގެ ނަން މަތީގައި އޮތް ގޯއްޗެއް، އޭނާ މަރުވި ފަހުން އެއްވެސް ފަރާތަކަށް ރަޖިސްޓްރީކޮށް ނުދީ އޮއްވާ 2010 ވަނަ އަހަރު، އެމީހާގެ ވާރިސުންނަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ބެމަކާއި ނުލައި އެހެން މީހަކަށް ގޯތި ރަޖިސްޓްރީކޮށް ދިން ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

އެ މައްސަލާގައި ދައުވާ ކުރާ ކައުންސިލަރުގެ ނަމެއް އޭސީސީން ހާމައެއް ނުކުރެ އެވެ.

މަރުވި މީހާގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ތޮއްޑޫ މީހަކަށް ދިން ކަމަށް ބުނާ ލިޔުމަކީ ބިމާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރި ލިޔުމެއް ނޫން ކަން އެނގެން އޮންނަ ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. މަރުވެފައިވާ މީހެއްގެ މިލްކިއްޔާތުގައި ހިމެނޭ ގޯއްޗެއް އެ މީހާގެ ވާރިސުންނަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ބެލުމެއް، އަދި އިއުލާނުވެސް ކުރުމެއްނެތި މީހަކަށް ދިން ފޯމުގައި ސޮއިކޮށްފައިވަނީ މައްސަލާގައި ތުހުމަތު ކުރެވޭ ކައުންސިލަރު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.