ހަބަރު

އެއާލައިން ކޮމްޕްލެކްސް އަޅާ 50 މިލިއަން ރުފިޔާގެ މަޝްރޫއު އަމީން ކޮންސްޓްރަކްޝަނަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ އޮޕަރޭޝަން އެއާލައިން އޮފީސް އަކާއި އެއާލައިން ކޮމްޕްލެކްސް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް 56 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

އެމްއޭސީއެލް އިން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން ހިމެނޭ މި ޕްރޮޖެކްޓު ހަވާލުކޮށްފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި މަޝްހޫރު އަދި ބޮޑު އެއް ކުންފުނި ކަމަށްވާ އަމީން ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިއަދު އެއާޕޯޓުގެ ވީއައިޕީ ލޮންޖުގައި ބޭއްވި ރަސްމިއްޔާތުގައި ދުކުންފުނީގެ މެނޭޖިން ޑިރެކްޓަރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަލަށް އަޅާ އިމާރާތުގައި މައިގަނޑު ގޮތެއްގައި ހުންނާނީ އޮޕަރޭޝަނަލް ބޭނުންތަކަށް ބޭނުންވާ އޮފީސް އިމާރާތާއި އެއާޕޯޓުގައި މިހާރު އޮޕަރޭޓުކުރާ އެއާލައިންތަކަށް ބޭނުންވާ އޮފީސް ޖާގަތައް ކަމަށެވެ. އަދި މިހާރު ހުންނަ އިމާރާތުގައި ދިމާވާ ސެކިއުރިޓީ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"މިހާރު އެއާޕޯޓުގައި ސެކިއުރިޓީ ހުރި ގޮތުން އެކި ތަންތަނުން ވަދެވެން ހުރޭ. އެހެންވެ އެކަން ކުޑަ ކުރުމުގެ ގޮތުން ސެންޓްރަލައިޒް އޭރިއާއެއް މި ކަނޑައެޅީ އެއާ ސްޕޭސްއަށް ވަދެވޭނެ. އަދި މި ބިލްޑިން އެޅުމުން މިހާރު ސްޓާފުންނަށް ދިމާވެފައިވާ ކެންޓީނުގެ މައްސަލަ ވެސް މުޅިން ހައްލުވެގެން ދާނެ،" އާދިލް ވިދާޅުވި އެވެ.

ދެހާސް އައްސަތޭކަ އައްޑިހަ ހަތަރު ސްކެއާ މީޓަރު ބޮޑު އިމާރާތް އަޅަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކުރީ 263 ދުވަސް ތެރޭގައި ނިންމާށެވެ. އެހެން ކަމުން މިއަހަރުގެ ފަހުކޮޅު މުވައްޒިފުންނަށް އިމާރަތް ބޭނުން ކުރަން ފެށޭނެ އެވެ.

އެމްއޭސީއެލް އިން މިހާރުވެސް 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަސައްކަތް އެއާޕޯޓުގެ ތަރައްގީ އަށް އަންނަނީ ކުރަމުން ނެވެ.