ފިނޭންސް މިނިސްޓްރީ

ބްލޫ ކާބަން ބޭރަށް ވިއްކޭތޯ ބަލަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހި ކަނޑުފަޅުތަކުން ބްލޫ ކާބަން ބޭރުގެ ބާޒާރުތަކަށް ވިއްކޭތޯ ބަލަން ދިވެހި ސަރުކާރުން އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.

މި އެމްއޯޔޫގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ހިސާބުކުރެވޭތޯ ބެލުމާއި ކާބަން މާކެޓްތަކަށް ވިއްކުމުގެ ފުރުސަތު އޮތްތޯ ބެލުން ހިމެނެ އެވެ.

ފިނޭންސްގެ ފިސްކަލް ސްޓްރެޓަޖީގައި ކާބަން ކްރެޑިޓް މަނިޓަރައިޒްކޮށްގެން މި އަހަރު ދައުލަތަށް 863.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އައިޓީއެފްސީގެ މެންބަރުކަން ހޯދަން ރާއްޖެއިން ނިންމީ މިދިޔަ އަހަރުގެ މޭ މަހު އެވެ.

އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސޯދީ އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.