ރައީސް މުހައްމަދު ނަޝީދު

ހާލަތު ރަނގަޅުވީމާ ރާއްޖެ ދާނަން: ނަޝީދު

Mar 4, 2016
2

ރާއްޖޭގައި ތިބި ސިޔާސީ ހައްޔަރީން މިނިވަން ކުރައްވަން ޖެހޭ ކަމަށާއި ރާއްޖޭގެ ހާލަތު ރަނގަޅުވުމުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫއަށް ނަޝީދު ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި އެހެން ނަމަވެސް އޭގެ ކުރިން ރާއްޖޭގެ ހާލަތު ރަނގަޅުވޭތޯ ބަލަންޖެހޭ ކަމަށެވެ. އެހެން ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާނެތޯ އެ ނޫހުން ސުވާލު ކުރުމުންނެވެ.

ނަޝީދު ވިދާޅުވީ އެމަކުނުފާނު ރާއްޖެ ވަޑައިގެންފިނަމަ ވެސް ހުކުމް މާފު ނުކުރާނެ ކަމަށާއި ރާއްޖޭގެ ހާލަތު ބަދަލު ކުރަން މަސައްކަތް ކުރަންޖެހޭނީ އެފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.

"އަޅުގަނޑު ރާއްޖެ ދާނަން އެކަމަކު ދިއުމުގެ ކުރިން ބަލާނަން ރާއްޖޭގެ ހާލަތު ރަނގަޅުވޭތޯ؟ ސިޔާސީ ހައްޔަރީން މިނިވަންވާންޖެހޭނެ. ރައީސް ޔާމީން ޖެހޭނެ އެކަން ކޮށްދެއްވަން އަޅުގަނޑުމެން ހަތް މީހުން،" އިނގިރޭސި ވިލާތުގައި ހުންނެވި ކުރީގެ ރައީސް ވިދާޅުވި އެވެ.

ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ނަޝީދު އެ ގައުމުން ހޯއްދަވަންޖެހޭ ފަރުވާއެއް އޮތް ނަމަ ހޯއްދަވައިގެން ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ. އަދި ސިޔާސީ ކުށްވެރިން ރާއްޖޭގައި ނުތިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.