މިނިސްޓްރީ އޮފް ހެލްތު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ސާމްޕަލް ނަގަނީ

ރާއްޖެއަށް އެތެރެކުރާ އެކި ބާވަތުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ސާމްޕަލް ނެގުމަށް ތައްޔާރީތަކެއް ވަމުންދާ ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

"ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ހަދަން ޖެހޭނަމަ އެކަންވެސް ކުރަން އިންތިޒާމުތައް މިހަދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ބެލޭނެ ގޮތެއް ހަމަޖެއްސުމުން ރައްކާތެރި ކާބޯތަކެތި އެތެރެކުރުމަށް ވަރަށް ބޮޑަށް މަގުފަހިކުރުވޭނެ ކަމަށެވެ. މިމަސައްކަތަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެތީގެ ބައެއް ބާވަތްތަކާއި ރާއްޖޭގައި ހައްދާ ބައެއް ބާވަތްތަކަކީ ކެމިކަލް ބޭނުންކޮށްގެން ހައްދާފައިވާ ތަކެތި ކަމަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ސާމްޕަލް ޓެސްޓް ކުރަންޖެހޭ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބިލެއްވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ. މިބިލަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ގާނޫނީ ގޮތުން މިހާރަށް ވުރެ ބޮޑެތި ބާރުތަކެއް ލިބޭނެ އެވެ.