ސިނަ މާލެ ބްރިޖް

ބްރިޖް އަޅާ ނިމެންދެން ރާޅުގަނޑަށް އެރުން މަނާކޮށްފި

Mar 4, 2016
4

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ މަސައްކަތް ނިމެންދެން ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބްރިޖްގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އުސްފަސްގަނޑާއި ހެންވޭރު ޕާކްގެ ދެކުނު ކޮޅުން ފެށިގެން ލޮނުޒިޔާރަތް މަގާ ހަމައަށް އޮތް ސަރަހައްދަކީ ޓެމްޕަރަރީ ސައިޓެއްގެ ގޮތުގައި ބްރިޖް ކޮންޓްރެކްޓާ އަށް ދީފައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މަޝްރޫއުގެ މަސައްކަތް ކުރުމުގައި މާލޭގެ އިރުމަރީ ފަރާތު ކަނޑުތޮށިގަނޑުން ފެށިގެން ހުޅުލެއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ބޮޑެތި ބޯޓާއި އެހެނިހެން ބަރު އާލާތްތައް ބޭނުން ކުރަން ހަމަޖައްސާފައިވާތީ ލޮނު ޒިޔާރަތްކޮޅު ރާޅާއަޅާ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ ރާއްކާތެރި ކަމަކަށް ނޫން ކަމަށެވެ. އެހެންވެ އެ ސަރަހައްދަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑެތި ގެއްލުމަކުން ރައްކާތެރިވުމަށް ބްރިޖް މަޝްރޫއު ނިމެންދެން އެ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

އެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެން ރާޅާ އަޅާ މީހުނަށް އެހެން ގޮތްތަކެއް ހަމަޖައްސައިދޭން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ރާޅުގަނޑު ސަރަހައްދު ބަންދުކޮށްފައިވާއިރު ރާޅާ އަޅާ މީހުން ވަނީ އެކި ފަހަރު މަތިން އެ ސަރަހައްދަށް މޫދަށް އެރިގެނާއި އެއްގަމުގައި ބްރިޖް މަޝްރޫއާ ދެކޮޅު ހަދައި މުޒާހަރާކޮށްފައެވެ. އަދި އެ ސަރަހައްދަށް މޫދަށް އެރި ނުކިޔަމަންތެރިކަން ދެއްކި ކަމަށް ބުނާ ބައެއް މީހުން ފުލުހުން ހައްޔަރުވެސް ކުރި އެވެ.