ކަނޑޫދޫ

ފާރެއް ދަށުވެ އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ތ. ކަނޑޫދޫގައި 10 އަހަރުގެ ކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓި އަނިޔާވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށް އެ ކުއްޖާ މާލެ ގެނެސްފި އެވެ.

އިއްޔެ ހިނގި މި ހާދިސާގައި އަނިޔާވި ކުއްޖާ މިއަދު ހެނދުނު މާލެ ގެނައީ އެއާ އެމްބިއުލާންސް ގައެވެ.

ކުއްޖާއަށް މިވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލް ގައެވެ. އެތަނުން މައުލޫމާތު ދިން ގޮތުގައި އަނިޔާވި ކުއްޖާގެ ފައިގެ ބައެއް ކަށިތައް ވަނީ ބިނދިފަ އެވެ. އެހެންވެ ކަށީގެ ޑޮކްޓަރަކު ދަނީ ކުއްޖާގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށްވެސް ބުންޏެވެ.

އަނިޔާވި ކުއްޖާ މާލެ ގެނައީ ކުއްޖާގެ އެތެރެ ހައްޓަށް ލިބިފައިވާ ގެއްލުން ނޭނގޭތީވެ އެކަން ބެލުމަށް ޓެސްޓްތަކެއް ހެދުމަށެވެ.

ކަނޑޫދޫ އިން އިއްޔެ ވާހަކަދެއްކި މީހަކު ބުނީ މިކުއްޖާއަށް އަނިޔާވީ އެ އުމުރުގެ އެހެން ކުދިންތަކަކާ އެކު ކުޅެން އުޅެނިކޮށް ކަމަށެވެ. އެ ކުއްޖާ އެ ވަގުތު ސަލާމަތް ކުރީވެސް އެކުގައި އުޅުނު ކުދިން ކަމަށާއި ނަމަވެސް ފަހުން ސިއްހީ މަރުކަޒަށް އެ ކުއްޖާ ގެންދިޔައީ އެހެން ބައެއް ކަމަށްވެސް
މައުލޫމާތު ދިން މީހާ ބުންޏެވެ.

ވެއްޓުނު ފާރަކީ ގެއެއްގެ ވަށާފާރު ކަމަށާއި އެއީ ވަރަށް ދުވަސްވީ ފާރެއް ކަމަށްވެސް އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް ހައެއްކަ ފޫޓޫ ހުންނަ މި ފާރު ވެއްޓި ކުއްޖާ އެކި ވަރުގެ އަނިޔާތައް ލިބިފައިވަނީ. ހަށިގަނޑުގެ އެކި ތަންތަން މަށައިގެންވެސް ގޮސްފައި ހުރީ،" އޭނާ ބުންޏެވެ.