މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މި މީހާ މަރުވެފައި އޮއްވާ ފެނުނީ މ. ރަބީއުވިލާ ގޭގެ ގްރައުންޑްއ ފްލޯ އިން ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ޔަގީންކޮށްދިން ނަމަވެސް މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
މީހާ މަރުވެފައި އޮތް ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
މ. ރަބީއުވިލާ ގެއަކީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބުނު ގެއެކެވެ. މި ގޭގައި އަލިފާން ރޯވި ރޭ ވެސް ބައެއް އަވަށްޓެރިން ބުނި ގޮތުގައި މީހުން ނޫޅޭ މިގެއަކީ ތަފާތު ކުށްތަކުގައި މާލެ ތެރޭގައި އުޅޭ މީހުން ބޭނުންކުރާ ގެއެކެވެ.