އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރު ކަރީމް ޚާން އެދިވަޑައިގެންފި އެވެ.
ހަމާސްގެ ޔަހްޔާ ސިންވާރާއި މުހައްމަދު އަލް މަސްރީ އަދި އިސްމާއީލް ހަނިއްޔާ ހައްޔަރުކުރުމަށް ވެސް ކަރީމް ޚާން ވަނީ އެދިވަޑައިގެންފަ އެވެ.
އައިސީސީގެ އިސް ޕްރޮސެކިއުޓަރު ކަރީމް ޚާން ވިދާޅުވީ އިޒުރޭލުގެ ވެރިންނާއި ހަމާސްގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ސާބިތުކުރެވޭ ވަރަށް ހެކި ލިބިވަޑައިގެންފައި ހުރި ކަމަށެވެ.
ހަމާސްގެ ވެރިން ކުށްވެރި ވަނީ އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އާބާދީތަކަށް އަރައިގަނެ ބަޔަކު ވަގަށް ނަގައި ފޮރުވައިގެން ގެންގުޅުމާއި އަދި މިކަމާ ގުޅިގެން ހިނަގައި ދިޔަ ހާދިސާތަކުގައި އޭގެ ތެރެއިން ބަޔަކު މަރުވެފައިވާތީ އެވެ.
އިޒުރޭލުގެ ވެރިންގެ ބޮލުގައި ނަސްލު ނައްތާލަން ގަސްދުކޮށް ފަލަސްތީންގެ އާންމުންނަށް ހަމަލާދީ މެރުން ހިމެނެ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ހިފައި ހައްޔަރު ކުރުމުގެ ބަދަލުގައި -- އިޒުރޭލުގެ ބޮޑުވަޒީރު އަސްކަރިއްޔާއަށް އަމުރުކުރައްވާފައި އޮތީ ޖެހުނު މީހަކު ބަޑިޖަހައި މެރުމަށް ކަމަށްވެސް ކަރީމް ޚާން ވިދާޅުވި އެވެ.
އިޒުރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ އިންސާނީ ޖަރީމާތަކެއް ކަަމަށާއި އަދި ހަމާސްއިން ވެސް ހިންގަނީ އިންސާނިއްޔަތާ ދެކޮޅު އަމަލުތަކެއް ކަމަށް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުގެ ހައިސިއްޔަތުން ކަރީމް ޚާން މިކަަމަށް އެދިވަޑައިގަތް ނަމަވެސް އައިސީސީގެ ފަނޑިޔާރުންގެ ޕެނަލްގައި މަޝްވަރާކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމާނެ އެވެ.
އިޒްރޭލުގެ ވެރިންނާއި ހަމާސްގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ކަނޑައަޅައި، އެ މީހުން ހިފައި ހައްޔަރުކުރަން އަމުރު ނެރޭނީ އައިސީސީގެ ފަނޑިޔާރުންނެވެ.
އައިސީސީގެ ޕްރޮސެކިއުޓަރުގެ ހައިސިއްޔަތުން ކަރީމް ޚާން މި އަމުރު ނެރުމުން އިޒުރޭލާއި ހަމާސްއިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެމެރިކާ ބުނާ ގޮތުން ކްރިމިނަލް ކޯޓުގެ މި އަމުރަކީ ވަރަށް ފިނޑި އަދި ތާކުންތާކު ނުޖެހޭ އަމުރެކެވެ.
އިޒުރޭލާއި ހަމާސްއާ އެއްވަރުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.