އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްޑީޕީ އިން ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބު މިމަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
މި އިންތިހާބުގައި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރާއި ޕާލިމެންޓަރީ ގްރޫޕުގެ ދެ ނައިބު ލީޑަރުން އިންތިހާބު ކުރާނެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މި އިންތިހާބުގައި ސެކްރެޓަރީ ޖެނެރަލް އާއި ސެކްރެޓަރީ ޖެނެރަލްގެ ނާއިބު އިންތިހާބުކުރާނެ އެވެ.
މީގެ އިތުރުން ޗީފް ވިޕް އަދި ވިޕްގެ ގޮތުގައި ދެ ބޭފުޅަކު އިންތިހާބުކުރާނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަން އެންގުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
ނިމިދިޔަ 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ.
އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.