ސްޓެލްކޯ

ތޮއްޑޫ ރައްޔިތުންނަށް ސްޓެލްކޯ މުވައްޒަފުންގެ އެހީތެރިކަން

އއ. ތޮއްޑޫއަށް މިއަދު ހަވީރު އައި ކޮޅިގަނޑެއްގައި އެ ރަށު ރައްޔިތުން ބޭނުންވި ބައެއް ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެގޮތުން މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެއްގަމަށް ނާދެވިގެން އުޅެނިކޮށް އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނެސްދިނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

"އެވަގުތު އެ ސަރަހައްދުގައި ތިބި މި ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައި،" ސްޓެލްކޯ އިން ބުންޏެވެ.

ކޮޅިގަނޑުގެ ސަބަބުން ތޮއްޑޫ އިން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް ސްޓެލްކޯގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިހްލާސްތެރިކަމާއިއެކު ރައްޔިތުންގެ ހިދުމަތުގައި،" ސްޓެލްކޯ އިން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.