ހަބަރު

ފެނުގައި ކަރަންޓުގެ އަސަރު ހުރެއްޖެނަމަ ލަސްނުކޮށް ސްޓެލްކޯއަށް ރިޕޯޓް ކުރަން އެދިއްޖެ

މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެނުގައި ކަރަންޓުގެ އަސަރު ހުރި ކަމަަށް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ސްޓެލްކޯއަށް ރިޕޯޓް ކުރުމަށް ފުލުހުންގެ އިދާރާއިން އެދިއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމުގެ ރިޕޯޓްތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށާއި، އެކަމަށް ސަމާލުވެ، އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ ސްޓެލްކޯގެ 104 އަށް ރިޕޯޓް ކުރުމަށް ދަންނަވާ ކަމަށެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ދެ ގެއަކުން މީހުން ނެރެންޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ފެންގަނޑު ހިންދުމަށްޓަކައި އެމްއެންޑީއެފްގެ އެކި ޓްރޫޕްތަށް ޑިޕްލޯއި ކޮށްފައިވާ ކަމަށާއި، އުމްމީދަކީ ވީ އެންމެ އަވަހަކަށް ފެންގަނޑު ހިންދާލެވުން ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މާލެއަށްވަނީ ރެކޯޑް އަދަދަކަށް ވާރޭ ވެހިފައެވެ. އެގޮތުން މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.