މޯލްޑިވްސް ޕޮލިސް ސާވިސް

ކޭބަލް ބުރިކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަކަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ދީފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 32 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކޭބަލް ބުރިކުރި މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:21 ހާއިރު އެވެ.

މިމައްސަލަ އާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހްމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ބުރިކޮށް ނެގުމަށްފަހު އިތުރު ކޭބަލެއް ބުރިކުރަންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މަގުމަތީގައި ހުންނަ ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މިއަހަރުގެ މާޗް މަހު މީހަކު ވަނީ މަރުވެސް ވެފަ އެވެ.