ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ މަތިން ވެއްޓި މަރުވި މީހާގެ ފޮޓޯއާއި ހާދިސާގެ މަންޒަރުތައް އާންމުނުކުރުމަށް އެދިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަރުވި މީހާގެ އާއިލާއަށް ހިތާމައެއް ލިބިފައިވާ މިފަދަ ވަގުތެއްގައި އާއިލާގެ އިހުސާސްތަކަށް އިހުތިރާމު ކުރުމުގެ ގޮތުން ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ސްޓެލްކޯގެ ފްލެޓެއްގެ ނުވަވަނަ ފްލޯ އިން ބިން މައްޗަށް ވެއްޓި މަރުވެފައި އޮއްވައި ފެނުނީ ހ. ގިނިރާހިއާގޭ، އިބްރާހިމް ޝަރީފް (31 އ) އެވެ.
އިބްރާހީމް ޝަރީފް އިމާރާތުން ވެއްޓުނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށް ބައެއް މީހުން ބުނެ އެވެ. އެކަމަކު އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރުވެފައި އޮއްވަ އެވެ.
ފުލުހުން ބުނީ އިބްރާހީމް ޝަރީފްގެ ހަށިގަނޑު ފެނުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅީގައި އޮއްވާ ކަމަށެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލް ފުލުހުން ނުދެ އެވެ.