މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސްވުމުން ފްލައިޓްގެ ގަޑިތަކަށް ބަދަލު އަތުވެދާނެ: އެމްއޭސީއެލް

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްގެ ގަޑިތަކަށް ބަދަލު އަތުވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ފްލައިޓްގެ ގަޑިތަކަށް ބަދަލު އަތުވެދާނެތީ އެކަމަށް ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފައި މިވަނީ މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބައެއް ސަރަހައްދުތަކަށް އެލާޓް ނެރެފައި ވަނިކޮށެވެ.

އެ ގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް މިއަދު މެންދުރު 12:00 އާ ހަމައަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.

މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޑިލޭވުން ނުވަތަ ކެންސަލް ވެދާނެ ކަމަށެވެ. އެހެންކަމުން ފުރަން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ ގަޑިތަކަށް ބަދަލު އައިސްފައިވޭތޯ ބެލުމަށް ވަނީ އެދިފަ އެވެ.