ޕީއެންސީގެ ޓިކެޓްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ބޭފުޅުންނާ، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ބައެއް މެންބަރުން ވަނީ މިކަން އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.
އިންތިހާބުވި މެންބަރުން މުލިއާގެއަށް ވަޑައިގަތުމަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެ ބޭފުޅުންނަށް ދައުވަތު ދެއްވާފައިވަނީ މިއަދު 3:45 އަށެވެ.
މިބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި ކަމަށްވެސް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވި އެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެއްވެސް ބޭފުޅަކު ވާހަކަދައްކަވާކަށް ބޭނުމެއް ނުވި އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ އިސް މަގާމުތަކަށް ހޮވާނެ ބޭފުޅުންނާ ގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވި އަށް ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު ވަނީ 74 އަކަށް އިތުރުވެފަ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.