ވިލިމާލެ

ވިލިމާލޭގެ ޓާޝަރީ ހޮސްޕިޓަލްގެ ދިރާސާ މަސައްކަތް ޗައިނާއަށް

ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިދާނެތޯ ބެލުމަށް ހަދަންޖެހޭ ދިރާސާ ހެދުމަށް ޗައިނާގެ ސަރުކާރާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލިޒިންނެވެ.

މިމަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހިލޭ ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްދިނުމަށް ޗައިނާ އިން އެއްބަސްވެފައިވާ މަޝްރޫއެވެ. މިމަސައްކަތުގެ ތެރެއިން ފީސިބަލް ސްޓަޑީއަކާއި ޑިޒަިއިން މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ޗައިނާގެ ޓީމެއް ފީސިބަލް ސްޓަޑީ ހެދުމަށް ރާއްޖެ އަންނާނެ ކަމަށެވެ.

"މިޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ ސަރުކާރުގެ އިދާރާތަކާ ވާހަކަދައްކައިގެން އެ ހޮސްޕިޓަލަށް ބޭނުންވާ ރިކުއާމަންޓްސްތަކާއި އަދި ޑިޒައިންތަކާއި އެއްޗެތި ހަދާ ޓެންޑާ ޑޮއިކުމެންޓްސް، މިހުރިހާ އެއްޗެއް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މިމަޝްރޫއަށް މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަރެއް ހޯދައި މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މަސައްކަތް ފަށާތާ ގިނަ ވެގެން ދެ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލާ އެކު މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އައިސް އާ ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ. ވިލިމާލެ އާ ހޮސްޕިޓަލް ނިމުމުން އެތަނުގައި ޗެރިޓީ ކެއާ ސެންޓަރެއް ހުންނާނެ ކަމަށާއި ދޮށީ އުމުރުގެ މީހުން އެ ތަނުގައި ދުވަސް ކޮޅަކަށް ބައިތިއްބައިގެން އެމީހުންނަށް ދޭންޖެހޭ ފަރުވާ ދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ޑައިވިން ކުރާ މީހުންނަށް ދިމާވާ މީހުންނަށް ފަރުވާ ދިނުމަށް ޑިކޮމްޕްރެޝަން ޗެމްބަރެއްވެސް އެ ހޮސްޕިޓަލްގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ ވިލިމާލޭގެ އާ ހޮސްޕިޓަލްގެ ޑިޒައިން ވެސް ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާ ތަފާތުވާނެ ކަމަށާއި މުޅި ހޮސްޕިޓަލް ވާނީ ތިމާވެށްޓާ ރަށްޓެހި ގޮތަަކަށް ފަރުމާ ކުރެވިފައިވާ ހޮސްޕިޓަލަކަށް ކަމަށެވެ.

"އެހެންވީމާ އެނާޖީ ކޮންސަމްޝަން ތަފާތު ވާނެ. މިތަނުގެ ބައެއް ޑިޒައިންގައި ތަފާތު ހުންނާނެ. ބޭނުންކުރާ ބައެއް އާލާތްތަކުގައި ތަފާތު ހުންނާނެ އާންމުކޮށް އެހެން ހޮސްޕިޓަލްތަކާ. އެހެންވީމާ އެ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ތަފާތު ވިސްނުންތަކެއްގެ މައްޗަށް ބިނާވެގެން ބިނާކުރެވޭ ހޮސްޕިޓަލަކަށް މި ހޮސްޕިޓަލް ވެގެންދާނެ،" މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ތިލަމާލެ ބްރިޖާ އެކު މާލެ ސަރަހައްދު އިތުރަށް ފުޅާވެގެންދާއިރު މާލޭގެ ހުޅަނގަށް އިތުރު ހޮސްޕިޓަލް ބޭނުންވާ ކަމަށެވެ. އެހެންވެ މާލޭގައި ހުޅަނގަށް އިތުރުވާ ގުޅީފަޅާއި ގިރާވަރާ އެކު މިސަރަހައްދުގެ މައި ހޮސްޕިޓަލަކަށް މުސްތަގުބަލްގައި ވާނީ ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލް ކަމަށްވެސް ވިދާޅުވި އެވެ.