މިދިޔަ ސެޕްޓެމްބަރު މަހު ދުވަހު މުޅި ދުނިޔެއަށް ސިހުން ގެނުވި ހަބަރަކީ މަރުވެފައި އޮތް ސީރިޔާގެ ރެފިއުޖީ ތުއްތު ކުއްޖަކު ތުރުކީއަށް ލައްގާފައި އޮތް ހަބަރެވެ. އުމުރުން ތިން އަހަރުގެ އަލަން ކުރުދީގެ މަރާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން ރެފިއުޖީންނަށް ލިބެމުން ދިޔަ އެވެ. އަދި އަލަން އަށް އިނސާފު ލިބެންޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ. ތުރުކީގެ ކޯޓަކުން މިވަނީ މިމައްސަލަ އާއި ގުޅުން ހުރި ދެ މީހުން ޖަލަށްލާން ހުކުމް ކޮށްފަ އެވެ.
ސީރިޔާއަށް ނިސްބަތްވާ އެދެމީހުންނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެމީހުންގެ މައްޗަށް ސާބިތުވެފައިވަނީ އިންސާނީ ވަގުފާރި ކުރުމުގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް އުފުލާފައިވާ އަނެއް ދައުވާ ކަމަށްވާ އިހުމާލުގެ ސަބަބުން ބަޔަކު މަރުވި ކަމުގެ ދައްވާ ސާބިތެއް ނުވެ އެވެ.
އެހާދިސާގައި އަލަންގެ އިތުރުން އެ އާއިލާގެ އިތުރު ދެ މެމްބަރުންނާއި އިތުރު ދެމީހުން މަރުވި އެވެ. އަލަންއާއި އޭނަގެ ފަސް އަހަރުގެ ބޭބެއާއި މަންމަ ކަނޑުވެ މަރުވި ނަމަވެސް އޭނަގެ ބައްޕަވަނީ އެހާދިސާގައި ސަލާމަތްވެފައެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވާން ޔޫރަޕަށް ހިޖުރަކުރަމުންދިޔަ އެތައް ހާސް ބަޔަކު މިދިޔަ އަހަރުވަނީ ކަނޑުވެ މަރުވެފަ އެވެ.