ދުނިޔެ

ގާނޫނާ ހިލާފުވާން ސިފައިންނަށް އަމުރެއް ނުކުރާނަން: ޓްރަމްޕް

އެމެރިކާގެ ރިޔާސީ ރޭހުގައި ބައިވެރިވުމަށް ރިޕަބްލިކަން ޕާޓީން މިހާރު ކުރިއަށް ގެންދާ ޕްރައިމަރީގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ މަޝްހޫރު ބިލިއަނަރު ޑޮނަލްޑް ޓްރަމްޕް އޭނާގެ ވެރިކަމެއްގައި އަސްކަރީ ސިފައިންނަށް ގާނޫނާ ގަވާއިދު ތަކާއި ހިލާފު އަމުރުތަކެއް ނުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޮކްސް ޓީވީގައި އޮތް ޓީވީ ބަހުސެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބައިނަލްއަގްވާމީ އެއްވެސް ގަވާއިދަކާވެސް ހިލާފްވާން ޓްރަމްޕް އަމުރު ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ޓެރަރިސްޓުންނަށް އަދަބު ދިނުމުގައި ވޯޓާ ބޯޑިން (މޫނަށް ފެން އަޅައި ނޭވާ ހާސްކޮށްލުން) ފަދަ ހަރުކަށި އުސޫލުތައް ގެންގުޅޭނެ ކަމަށެވެ.

ލާއިންސާނީ އަމަލެއް ކަމަށްބަލައި ވޯޓާ ބޯޑިންގ އަދަބު ދިނުން މިހާރުވަނީ އެމެރިކާގައި މަނާކޮށްފަ އެވެ. ވޯޓާ ބޯޑިންގް އަކީ ގަންބާލައިން މީހަކު ހާސްކޮށްލުމާއި އެއްފަދަ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"މެދުއިރުމަތީގައި އެތައް ބައެއްގެ ބޯ ކަނޑާލާއިރު އެއީ ލާއިންސާނީ އަމަލަކަށް ނުވަންޏާ ފެން އަޅައިގެން ނޭވާ ހާސްކޮށްލައިން މީހަކު މަރާލައިގެން އެއީ ލާއިންސާނީ އަމަލަކަށް ވާންވީ ކީއްވެ؟ މޫނަށް ފެން އަޅައި ނޭވާ ހާސްކޮށްލަންވީ. އަދި އެއަށްވުރެވެސް ހަރުކަށި އަދަބު ދޭންވީ؟ ޓެރަރިސްޓުންނަށް އޮތް އަދަބަކީ އެއީ" ޓްރަމްޕް ވިދާޅުވި އެވެ.

އެބަހުސްގައި ޓްރަމްޕްވަނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރަން ސިފައިންނަށް އަމުރު ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ޓްރަމްޕް މިހާރު ދަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. އަދި ޕްރައިމަރީ ޓިކެޓް ކާމިޔާބުކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ޓްރަމްޕަށް ވަނީ ލިބިފަ އެވެ.

ޓްރަމްޕް މި ރިޔާސީ އިންތިހާބް ކާމިޔާބުކޮށް ވެރިކަމަށް އައިސްފިނަމަ އެމެރިކާގެ އާބާދީގެ ބޮޑުބައެއް ގައުމުން ބޭރަށް ހިޖުރަކުރާނެ ކަމަށް ބެލެވެ އެވެ.