މިނިސްޓަރު އަލީ އިހުސާން

އިސްރާއީލްގެ ސަބަބުން ދުނިޔެ ނުރައްކާވެއްޖެ: އިހްސާން

އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްތީންގެ އާންމުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ވާހަަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ފަލަސްތީން ކޮންމެ ރައްޔިތަކަށް ލިބޭ ކޮންމެ އަނިޔާ އަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ފުންއަސަރުތަކެއް ކުރުވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަލަސްތީންގެ ގިނަ ރައްޔިތުންނަކީ މުސްލިމުންނަށްވެފައި ރާއްޖެ އަކީ މުސްލިމުން ހިމެނޭ ގައުމަކަށްވާތީ ފަލަސްތީން ރައްޔިތުންނަށް ލިބޭ ކޮންމެ ހިތާމައެއްގައި ބައިވެރިވެ ފަލަސްތީންގެ ހައްގުގައި ދިވެހިން ތާއަބަދަށް ދެމިތިބޭނެ ކަމަށެވެ.

"ފަލަސްތީން ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން. އިސްރާއީލް ރައްޔިތުންނަށް ހައްގު އެހެން ތަނަކުން އެ މީހުން އާބާދުވުމަށް ބިމެއް ހޯދާނަމަ ހޯދާ. ފަލަސްތީނުގެ ބިންތައް ހިސާރުކުރަން ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލަށް ފުރުސަތުދީގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުންދަނީ ލާއިންސާނީ އަނިޔާތަކެއް ކަމަށެވެ. އިސްރާއީލްގެ އަނިޔާވެރި މިއަމަލުތަކާ ގުޅިގެން މުޅި ދުނިޔެ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި މިނިސްޓަރު އިހްސާން ވާހަކަދެއްކެވިއިރު ފަލަސްތީންގެ ހައްގުގައި ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އަބަދުވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަ އެވެ.