ދުނިޔެ

ޣައްޒާ ފާލަމަކީ އިޒުރޭލު ސިފައިންނަށް ކާންދޭން އެޅި ތަނެއް

އުތުރު ޣައްޒާގެ އައްސޭރިފަށުގައި ކަނޑަށް ވާގޮތަށް ފެންމަތީގައި އެމެރިކާ ސިފައިން ފާލަމެއް އެޅުމުގެ ބޭނުމަކީ ބަނޑަށް ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ކާންދިނުން ކަމަށް އޮތީ އަޑުއިވިފަ އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ފުޅާކޮށް މިސްރާ ގުޅިފައި އޮތް ރަފާހް ބޯޑަރު ބަންދުކުރުމުން، ޣައްޒާއަށް ކަބޯތަކެއްޗާއި ބޭސްފަރުވާ ވެއްދުމަށް މި ފާލަން ބޭނުންކުރެވޭނެ ކަމަށްވެސް އޮތީ ހީކުރެވިފަ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ޣައްޒާގައި ފާލަމެއް އެޅުމުގެ ބޭނުމަކީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ކަމަށްވެސް އޮތީ ބުނެފަ އެވެ. ނަމަވެސް، އުތުރު ޣައްޒާ އާއި ރަފާހްގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނާ ގޮތުން ޣަައްޒާ ފާލަމުން އެތެރެކުރަނީ އިޒުރޭލު ސިފައިންނަށް ބޭނުންވާ ތަކެއްޗެވެ.

ފާލަން ހުޅުވި ދުވަހު ޣައްޒާއަށް ވެއްދި ތަކެތީގެ ތެރޭގައި ހިމެނެނީ އިޒުރޭލު ސިފައިންނަށް ބޭނުންވާ ހަތިޔާރު ކަމަށްވެސް، މި މަންޒަރު ހަމަލޮލަށް ފެނިފައި ތިބި ނޫސްވެރިން ވަނީ ބުނެފަ އެވެ.

ކާބޯތަކެތި ހިފައިގެން އެއްގަމަށް އެރި ލޮރީތައް އެ ތަކެތި ފުރަތަމަ ގެންދިޔައީ އިޒުރޭލު ސިފައިން ތިބޭ ތަންތަނަށް ކަމަށްވެސް ނޫސްވެރިން ބުނެ އެވެ.

ޣައްޒާގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއް ފޯރުކޮށްދިން ނަމަވެސް، ބޮޑުބައި ދަނީ އިޒުރޭލުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށްވެސް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނެ އެވެ.

އެމެރިކާ ސިފައިން ހެދި ފާލަމުން ޣައްޒާއަށް ދުވާލަކު ވެއްދެނީ 150 ލޮރީގެ އެހީ ކަމަށްވެ އެވެ. ނަމަވެސް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުން ޣައްޒާއަށް ދުވާލަކު 500 ލޮރީގެ އެހީ ނުވައްދައި އޮބިއޮންނަ ވަރު ނުވާނެ އެވެ.

ޣައްޒާ ފާލަމާ ބެހޭ ގޮތުން މައުލޫމާތު ލިބިފައި ތިބި ނޫސްވެރިން ބުނާ ގޮތުން އުތުރު ޣައްޒާ ކަނޑުގައި އެމެރިކާއިން ފާލަމެއް އެޅި އެހެން ބޭނުމެއްގަ އެވެ.

އެ ސަރަހައްދު މިހާރު އޮތީ އެމެރިކާއާ އިޒުރޭލު ސިފައިން ފިޔަވައި އިތުރު އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ކަމަށްވެސް މި ތަން ފެނިފައި ތިބި މީހުން ބުނެ އެވެ.

ޣައްޒާގައި އެ ސަރަހައްދުގައި އެމެރިކާއިން ބަނދަރެއް ހެދުމުގައި އޮތީ އެހެން ބޭނުމެއް ކަމަށް ބުނާ ރިޕޯޓްތަކެއްވެސް އެބަ އުޅެ އެވެ.

ޣައްޒާ ކަނޑަކީ ގުދުރަތީ ގޭސް ވަރަށް ގިނަ ތަނަކަށް ވާތީ އިންސާނީ އެހީ ފޯރުކޮށްދިނުން ބަހަނާއަކަށް ދައްކައި އެމެރިކާއިން މަސައްކަތްކުރަނީ ޣައްޒާ ކަނޑުން ތެލާއި ގޭސް ނެގުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.