ދުނިޔެ

އިރާގުގެ ރަމަދީ އަވަށުގެ ހާލަތު ވަރަށް ގޯސް: އދ

ދާހިލީ ހަނގުރާމައިގެ ސަބަބުން އިރާގުގެ އެހެން ހުރިހާ އަވަށަކަށް ލިބިފައިވާ ގެއްލުންތަކަށްވުރެ ރަމަދީ އަވަށަށް ލިބިފައިވާ ގެއްލުން ބޮޑު ކަމަށާއި އަދި ހާލަތު ގޯސް ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

ޔޫއެންގެ ޓީމަކުން ނެރުނު ރިޕޯޓެއް ބުނާ ގޮތުގައި ރަމަދީގެ ހާލަތު އެންމެ ބޮޑަށް ގޯސްވާން މެދުވެރިވީ އެއަވަށުގެ މައި ހޮސްޕިޓަލް އަދި ޓްރެއިން ސްޓޭޝަނަށް ހަމަލާދީ ހަލާކުކޮށްލުމުންނެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ހައްދުފަހަނއަޅާފައިވާ އައިއެސް ޖަމާއަތުން އަދި އެޖަމާއަތަށް އަމާޒުކޮށްގެން ކަމަށް ބުނެ އިރާގު ސިފައިން ދިން ހަމަލާތަކުގައި އެތައްހާސް އިމާރާތެއްވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފަ އެވެ. އެގޮތުން ރަމަދީ އަދި ރަމަދީގެ ކަރި އަވަށުތަކުގައި ހުރި 5،700 އިމާރާތް ވަނީ ހަލާކުވެފަ އެވެ. އަދި އޭގެތެރެއިން 2،000 އެއްހާ އިމާރާތްވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މި އިމާރާތްތަކުގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިން ސަރަހައްދުގައި ހުރި އިމާރާތްތަކެވެ.

އަދި މީގެ އިތުރުން 54 ބްރިޖެއް ހަލާކުވެފައިވާއިރު ކަރަންޓު ފޯރުކޮށްދޭ އެތައް ވިއުގައެއްވެސް ވަނީ ހަލާކުވެފަ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ސަރުކާރު ހިދުމަތްދޭ އިދާރާތަކާއި ހޮސްޕިޓަލްތައް އަދި ސްކޫލްތަކާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ވިއުގަތައްވެސް ހަލާކުވެފައިވާ ކަމަށްވެ އެވެ.

އާބާދީގައި މިލިއަނެއްހާ މީހުން ދިރިއުޅޭ މި އަވަށަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 600 އަށްވުރެ ގިނަ ވައިގެ ހަމަލާތައްވެސް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަމަދީގެ ޑިސްޓްރިކްޓް ކައުންސިލުން ބުނީ އަވަށް އަލުން އާރާސްތުކުރުމަށް ހޭދަވާނެ މިންވަރު އަދި ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ޔޫއެން އިން މިހާރު ދަނީ އަމިއްލަ ފަރާތްތަކާއި ގުޅިގެން ސިއްހީ އަދި ސާފު ބޯފެނުގެ ނިޒާމް އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.