އަލިފާން

އިންޑިއާގައި އަލިފާނުގެ 3 ހާދިސާ: 37 މީހުން މަރުވެއްޖެ

އިންޑިއާގައި ހިނގި އަލިފާނުގެ ތިން ހާދިސާއެއްގައި 37 މީހުން މރުވެއްޖެ އެވެ.

އިންޑިއާގެ ތިން ސަރަހައްދެއްގައި ހިނގި މި ތިން ހާދިސާގެ ތެރެއިން އަލިފާނުގެ ފުރަތަމަ ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ގުޖާރަތުގެ ރަޖްކޮތު ސިޓީގައި ހުންނަ ގޭމިންގް ޒޯނެއް ގައެވެ.

މިހާދިސާގައި 27 މީހަކު މަރުވެފައިވާއިރު މީގެތެރޭގައި 12 އަހަރުން ދަށުގެ ހަތަރު ކުދިންވެސް ހިމެނެ އެވެ. މިހާދިސާއާ ގުޅިގެން ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި ގޭމިން ޒޯނުގެ މެނޭޖަރު ނިތިން ޖައިން އަދި އެތަނުގެ ވެރިމީހާ ޔުވްރާޖް ސިންގް ސޮލަންކީ ހިމެނެ އެވެ.

އަލިފާނުގެ ދެވަނަ ހާދިސާ ހިނގާފައިވަނީ ނިއުދިއްލީގައި ހުންނަ ކުޑަކުދިންނަށް ފަރުވާދޭ ހޮސްޕިޓަލެއް ގައެވެ. ދިއްލީގެ ފަޔާ ސާވިސަސް އިން ބުނި ގޮތުގައި މިހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ 11:32 ހާއިރު އެވެ. މިހާދިސާގައި ހަތް ކުދިން މަރުވެފައިވާއިރު 12 ކުއްޖަކު ސަލާމަތް ކުރެވުނު ކަމަށްވެސް އިދާރާތުކުން ބުނެ އެވެ.

އަލިފާނުގެ ތިންވަނަ ހާދިސާ ހިނގާފައިވަނީ ނިއުދިއްލީގެ ކްރިޝްނާ ނަގަރު ސަރަހައްދުގައި މީހުން ދިރިއުޅޭ ގެއެއްގައި ކަމަށް ދިއްލީގެ ފަޔާ ސާވިސަސް އިން މައުލޫމާތު ދެއެވެ. ރޭ މެންދަމު 2:35 ހާއިރު މި ހާދިސާ ރިޕޯޓުކުރުމާއެކު އަލިފާން ނިއްވަން މީހުން ފޮނުވި ނަމަވެސް އަލިފާން ނިއްވާލެވުނީ ހެނދުނު 7:20 ހާއިރު ކަމަށްވެސް ދިއްލީ ފަޔާ ސާވިސަސްގެ ޗީފް ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި މިހާދިސާގައިވެސް ތިން މީހަކު މަރުވި އެވެ. އަދި 13 މީހަކު ސަލާމަތް ކުރެވުނެވެ.

އަލިފާންގެ މި ހާދިސާތަކަކީ ގަސްދުގައި ބަޔަކު ކުރި ކަމެއް ކަމަށް އިންޑިއާގެ އިދާރާތަކުން ބުނެފައެއް ނުވެ އެވެ.