އައިޖީއެމްއެޗް

ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް ފާހަގަކޮށްފި

ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފާހަގަކޮށްފި އެވެ.

މި ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ. މިރަސްމިއްޔާތުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ވަނީ އިމެޖެންސީ މެޑިސިންއާއި ކުއްލި ހާލަތުގައި އަވަސް ފަރުވާ ދޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފަ އެެވެ.

މިރަސްމިއްޔާތުގައި ވަނީ ސީޕީއާރް ތަމްރީން ނިންމި ބަޔަކަށް ހަނދާނީ ލިޔުންވެސް ދީފަ އެވެ.

އައިޖީއެމްއެޗް އިން ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް ސީޕީއާރް ދޭނެ ގޮތް ދަސްކޮށްދީފަ އެވެ.

މިދުވަހުގެ މިއަހަރުގެ ޝިއާރަކީ "މޫސުމަށް އަންނަ ބަދަލަކީވެސް ސިއްހީ ކުއްލި ހާލަތު" އެވެ.

ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް ކޮންމެ މެއި މަހެއް 27 ވަނަ ދުވަހު ފާހަގަކުރަނީ ޔޫރަޕިއަން ސޮސައިޓީ އޮފް އިމަޖެންސީ މެޑިސިން ވުޖޫދުކުރުމަށް ސޮއިކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.