އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނަށްޓަކައި ގުނޫތު ކިޔަން އަލުން ފަށަނީ

އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ފަލަސްތީންގެ ހާލަތު އިތުރަށް ގޯސްވާން ފެށުމާއެކު ދެ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ފަލަސްތީނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މަޣްރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާފައިވާނެ ކަމަށެވެ.

"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚްލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު،" މިނިސްޓްރީން ބުނެފައިވެ އެވެ.

އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީންގެ ގާޒާއަށް މީގެކުރިން އަރާ އެތަން ސުންނާފަތި ކޮށްލަން ދީފައިވާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ފަލަސްތީންގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ވަގުތުވެސް ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އެންގި އެވެ.

ފަލަސްތީންގެ ހާލަތު މިވަގުތު އަނެއްކާވެސް ގޯސްވެގެން މިއުޅެނީ އިޒްރޭލުގެ ސިފައިން ރަފަހްއަށް އަރާ އެތަން ސުންނާފަތިކޮށްލަން ފެށުމުން އެތަނުގައި ތިބި ރައްޔިތުން ބިކަވެ ހާލުގައި ޖެހެން ފެށުމުންނެވެ.